ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޖަރުމަނު-ޝެންގެން ވިސާ ނެގުމަށް 123 މީހުން ހުށަހަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޖަރުމަނު-ޝެންގެން ވިސާގެ ވަގުތީ އުސޫލާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު ވިދާޅުވީ، އައިޓީބީ ފެއާ އަށް ދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެށި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެހެންވެ، ވިސާ ހައްދައިދިނުމުގެ މުއްދަތު ވެސް، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން އެންމެ ފުރަތަމަ ނިންމީ ވިސާ ދޫކުރުމުގެ ކަންކަން މިއަދާއި މާދަމާ ކުރިއަށް ގެންދިއުމަށެވެ.

ޣަފޫރު ވިދާޅުވީ ފޮރިން މިނިސްޓްރީގެ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ރާއްޖެ އިން ބޭރަށް ދާ ދިވެހިންނަށް ވީހާ ވެސް ލުއިފަސޭހަ ގޮތަކަށް ވިސާ ލިބޭނެ ގޮތް ހެދުން ކަމަށެވެ. އުއްމީދު ކުރައްވަނީ ޝެންގެން ވިސާގެ މަސައްކަތްތައް ވެސް ރައްޖެ އިން ދާއިމީކޮށް ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.
“އިރާދަކުރެއްވިއްޔާ މި ކަންތައް ވެސް މާދުރު ނޫން ހިސާބެއްގައި ހަމަޖެހިގެން ދާނެ،” ޣަފޫރު ވިދާޅުވި އެވެ.
ޖަރުމަނު އެމްބަސީގައި ވިސާގެ މަސައްކަތްތަކާ ބެހޭ ސެކްޝަންގެ ހެޑް ސަޝަ ސްޕްރިއާ ވިދާޅުވީ، ވިސާ ނެގުމަށްޓަކައި ސްރީ ލަންކާގެ ކޮލޮމްބޯ އަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި ތިބެގެން ޖަރުމަން-ޝެންގެންގެ ވިސާ އަށް އެދުމަށް ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހުޅުވާލާފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި ތިބެގެން ޖަރުމަން-ޝެންގެން ވިސާ އަށް އެދި ހުށަހަޅަން ފުރުސަތު ލިބޭ ފުރަތަމަ ފަހަރެވެ.
Facebook Comments