web analytics
ޕްރައިމަރީ

ޖެންޑާ މިނިސްޓްރީން އަޅާ ނުލުމުގެ ސަބަބުން މަންމައަކަށް ލިބުނު އަނިޔާ މިނިސްޓަރ ޝިދާތާ މިއޮތީ ފެއިލްވެފައި އިސްތިއުފާ ދީފަ ރައްކާވޭ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރީގެ ފިރިމީހާއާއި އޭނާގެ އާއިލާގެ ފަރާތުން އެކިކަހަލަ އަނިޔާތަކެއް ކުރިމަތިވަމުންދިޔަ އަންހެނެއްގެ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އެއަންހެން މީހާއަށް ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކަ، ނަން ހާމަ ނުކުރުމަށް އެދި، “ސުވާދީބަށް” އޭނާ ވަނީ ހިއްސާ ކޮށްފައެވެ.

އެގޮތުން އޭނާ ބުނީ އޭނާގެ ކައިވެނި ރޫޅުނުތާ މިހާރު ދެ އަހަރުވެފައިވާ ކަމަށާއި ދެ ކުދިން ގޮވައިގެން އޭނާ އެކި ތަންތަނުގައި އުޅުމަށްފަހު ހުޅުމާލެއަށް ބަދަލުވެ ވަޒީފާއަކަށް ވެސް އެއިރު ދިޔަ ކަމަށެވެ. އޭނާ ޑިއުޓީއަށްދާ ގަޑީގައި އެކުދިން ބަލާދިނީ އޭނާގެ ރަޙުމަތްތެރިއެއް ކަމަށާއި އެހެން ނަމަވެސް ފަހުން އެރަޙުމަތްތެރިޔާ ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވެގެން އިންޑިއާއަށް ދާން ޖެހުމުން، ކުދިން ބަލާދޭނެ މީހަކު ނެތުމުގެ ސަބަބުން ވަޒީފާއިން ވަކިވީ ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލޭގައި ދިރިއުޅުނީ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ކަމުން، ވަޒީފާއިން ވަކިވެގެން ތަނުގެ ކުލި އަމިއްލައަށް ދެއްކުމަށް އުޒުރުވެރިވުމުން، ކުދިން ގޮވައިގެން ވަންނާނެ އެހެން ބޯހިޔާވަހިކަމެއް ހޯދުމަށް އޭނާއަށް މަޖުބޫރުވިއެވެ.

“ކުލި ނުދެއްކިގެން، ކުއްޔަށް އުޅުނު ރޫމް ދޫކޮށްލާފަ އަޅުގަނޑު އަމިއްލައަށް އެގެއަށް (ކުދިންގެ ބައްޕަގެ ގެއަށް) ދިޔައީ. އަޅުގަނޑު ބުނިން އަޅުގަނޑު ކުޑަ ދުވަސްކޮޅަކަށް ހުރެލަންށޭ، އެމީހުން އަޅުގަނޑު ގެންދިޔައީކީވެސް ނޫން. އަޅުގަނޑު އަމިއްލައަށް ހަމަ ދިޔައީ. އަޅުގަނޑާއި ވަރިވީއްސުރެ ކުރީގެ ފިރިމީހާ އެގޭގަ ނޫޅޭކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުމެން ނިދި ކޮޓަރީގަ އަޅުގަނޑު ގޮސް މަޑު ކުރީވެސް. އޭނަގެ ދައްތަ ކައިރީގަ އަޅުގަނޑު ބުނިން ހުންނާނެ ތަނެއް ލިބެންދެކަށް ކުޑަ ދުވަސްކޮޅަކު އެގޭގަ ހުރެލަންށޭ، މިވަގުތު އެއްވެސް ތަނެއް ނުލިބިގެންނޭ” އޭނާ ބުންޏެވެ.

ދެކުނުގެ ރަށަކަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އެއަންހެން މީހާއަށް ލިބިފައިވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އޭގެތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާ (5އ.) އެވެ. އަންހެން ކުއްޖާގެ އުމުރުން އަދި އެންމެ ތިން އަހަރެވެ.

އަމިއްލަ ރަށުގައި ވެސް ދިރިއުޅެވޭނެ ބޯހިޔާވަހިކަމެއް އޭނާގެ ނެތެވެ. އޭނާގެ މަންމަގެ ގޯއްޗެއް އޮތް އިރު، އެތަނުގައި ގެއެއް ބިނާ ކުރެވޭނެ ގޮތެއް އަދިއެއް ނެތެވެ. އެހެންކަމުން ގޮތް ހުސްވެފައިވީ ހާލުގައި އޭނާއަށް ޖެހުނީ ކުދިންގެ ބައްޕަގެ ގެއަށް ދާށެވެ.

“ޑިސެމްބަރު މަހު ދިޔައީ، އެކަމަކު މަސް ނުވެސް ނިމޭ، ކޮންމެވެސް ކަމެއްގަ ޒުވާބެއް ހިންގާ، ހަޑިހުތުރު ބަސްތައް ކިޔާ ހެދި. އެންމެ ދެރަވީ ދަރިންގެ ކުރިމަތީގަ އެއްޗެއްހި ކީމަ. އަޅުގަނޑު އެގޭގަ އުޅެނިކޮށް ކުދިންގެ ބައްޕަ އެގެއަށް ދިޔައީ، ގޮސް މިގޮތަށް އަޅުގަނޑާއި ދިމާލަށް އެއްޗެހި ކިޔާ ހެދީ. ކުދިން އަޅުގަނޑު އަތުން އަތުލަން އުޅެ، ހަމަ ހުރިހާ ޒުވާބެއް ވެސް ކުދިން ކުރިމަތީގަ ކުރީ. އަޅުގަނޑު ކޮއްޕާވެސްލި. އެއްދުވަހަކު ލަޓިބުރިއެއް ވެސް ހިފައިގެން އަޅުގަނޑު ގައިގަ ޖަހަން އައި. ނުއެއްޖަހާ. ނުޖެހިޔަސް އެއީ ވެސް ހަމަ އަނިޔާ ނޫންތޯ؟ އެގޮތަށް ބިރުދައްކާ، ހިތުޖައްސާ ހެދުމަކީވެސް ހަމަ ދެވޭ އަނިޔާއެއް ނޫންތޯ” ވަރަށް ވެސް ހިތާމައާއެކު އޭނާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި، އެގޭ މީހުންނާއި އެކުދިންގެ ބައްޕަ އެއްދުވަހު އޭނާއާއި ދިމާލަށް އެއްޗެހިކީ އަޑު މަގުމަތިން އިވިގެން ބަޔަކު ވަނީ އެކަން ފުލުހުންނަށް ވެސް އަންގާފައެވެ. ނަމަވެސް ފުލުހުން އެގެއަށް ގޮސް ވަނުމުން އެމީހުން ވަރަށް ރީއްޗަށް ވާހަކަ ދެއްކި ކަމަށާއި ސުލްޙަވި ކަމަށް ވެސް އޭނާ ބުންޏެވެ.

“އެގޭގަ ނުހުންނާނެތާ އަޅުގަނޑަށް އަނެއްހެން ސަޕޯޓު ދޭނެ މީހެއް. އެއީ އޭނަގެ ފެމިލީތާ. ޕޮލިހުން އައިމަ ބުނަނީ މިވެނި އެވެނި ކަމެއް ވެގެނޯ، އަޅުގަނޑު އުޅެނީޔޯ ދާން. އަސްލު އަޅުގަނޑު އުޅުނީ ޒުވާބު ކުރާތީ، ކުދިން އަތުލަން އުޅޭތީ އިހައް ޒުވާބު ތެރެއިން ބޭރަށް ނިކުންނަން. އެކަމަކު އެމީހުން އަޅުގަނޑު ބޭރަށް ނިކުތަ ނުދިނީ. އެދުވަހު ސުލްޙަ ކޮށްލާފަ ޕޮލިހުން ދިޔައީ” އޭނާ ބުންޏެވެ.

އެއަށްފަހު ވެސް އަބަދުވެސް ކޮންމެވެސް މައްސަލައެއް ޖެހޭ ކަމަށާއި އެހެންނަމަވެސް އެމީހުންނާއި ގުޅިގެން އުޅެވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ. އެގޮތުން އެއާއިލާ މީހުން އެކުއެކީގަ ބާއްވާ ކަންކަމުގައި ވެސް ބައިވެރިވުމަށް ދައުވަތުދީފިނަމަ ބައިވެރިވެސްވި ކަމަށް އޭނާ ބުންޏެވެ. ކިތަންމެ ރުޅިއަޔަސް ކުދިން ކުރިމަތީގައި ޒުވާބު ނުކުރުމަށް ކުރީގެ ފިރިމީހާގާތު އެދުނު ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެކަންކަން ނުހުއްޓުނު ކަމަށް ވެސް އޭނާ ބުންޏެވެ.

“އެންމެ ފަހުން ހިނގި ހާދިސާއަކީ، އަޅުގަނޑުގެ ރައްޓެއްސެއް އައީ. ދެން އަޅުގަނޑުމެން ދިޔައީ ހިނގާލަން. ހިނގާލަން ދިޔަތަނުން އޭނަގެ ފައިވާން ހަލާކުވެގެން އޭނަ ބުނީ ތިމަންނަ ބަލާ އަންނަންދެން ތިމަންނަ މަޑުކޮށްލާނަމޭ، ހިނގާފަ ނުދެވޭނޭ. އެކުއްޖާ އިނީ ދެން މަޑުކޮށްލައިގެން އަޅުގަނޑު ނިދަމުންދާ ރޫމްގަ. އިންދާ ކުދިންގެ ބައްޕަ ކުއްލިއަކަށް އައިސް ކުދިން ކުރިމަތީގަ ހަމަ އެންމެ ފުރަތަމަވެސް އެންމެ ހަޑިއެއްޗެހިން ފަށައިގަތީ. ބާރުބާރަށް ހަޅޭލެވީވެސް. އަޅުގަނޑުވެސް އަޅުގަނޑުގެ ރަޙުމަތްޔެރިޔާވެސް އެއްވެސް އެއްޗެއް ނުބުނަން. އެކަމަކު އަލުގަނޑުގެ ރަޙުމަތްތެރިޔާ ކައިރީ އަޅުގަނޑު ބުނިން އަވަހަށް ނިކުމެގެންދާށޭ. އޭނަ ނިކުމެގެން ދަނިކޮށްވެސް ފަހަތުން ހަޅޭލަވަމުން ދަނީ މަގުމައްޗަށް. އަޅުގަނޑުގެ ރަހުމަތްތެރިޔާ ފުރަތަމަ އޭނައަށް އެއްވެސް ރައްދެއް ނެދެ. އެކަމަކު ނިކުންނަން ދިޔައިމަ ފަހަތުން ގޮސް އެއްޗެހި ކިޔާ، މަގުމަތިން އޭނަގެ (ކުރީގެ ފިރިމީހާގެ) ރައްޓެއްސަކަށް ގޮވާ ގެނައީ. ގެނެސްފަ ބުނަނީ މީންދަ މީހާ ގެނެސްގެން ތިމަންނަގެ ދަރިންނާ ވާހަކަ ދައްކުވަނީއޭ، އެހެން ބުނީމަ އަޅުގަނޑު އޭނަގެ ރަހުމަތްތެރިޔާއަށް ނިސްބަތްވާ ގޮތަށް ބުނިން އެއީ ކާކުހޭ އަޅުގަނޑުގެ ދަރިންނާ ބެހެން، އަޅުގަނޑު ބުނިން އެމީހާގެ ދަރިންނެއް ނޫނޭ އެއީ އަޅުގަނޑުގެ ދަރިންނޭ އެއީ. ބުނީމަ އެމީހާ އުޅުނީ އަޅުގަނޑު ގައިގަ ޖަހަންވެގެން. ކުދިންގެ ބައްޕަ އެމީހާ ހުއްޓުވީ.” އެގޭތެރޭގައި އެންމެ ފަހުން ހިނގި ހައިޖާނުގަނޑު އޭނާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އެގޭގައި އޭނާ އުޅުނު ބައިގާ އުޅޭ “ދައްތަ” އެއް ވެސް އޭނާއާއި ދިމާލަށް ވަރަށް އެއްޗެހި ކިޔެވެ. އެގޮތުން ކުދިންގެ ބައްޕަގެ ފަރާތުން އިތުރު އެހީތެރިކަން ލިބެންވާނެ ކަމަށް ބުނުމުން، ދޭން ނުޖެހޭނެ ކަމަށް އެދައްތަ ބުނި ކަމަށާއި ކޯޓަށް ދައްކާ 3000 ރުފިޔާއިން ފުއްދަން ބުނިކަމަށް ވެސް ބުންޏެވެ.

ކުދިންގެ ބައްޕަގެ ގޭގައި އޭނާއަށް އެތަކެއް އަނިޔާތަކެއް ލިބި، ހުއްޓުމެއްނެތި ކުރަމުން އައި ޒުވާބުތަކުގެ ސަބަބުން ކެތްތެރިކަން ކޮޅުން ލައިގެން އޭނާ މިހާރު ހުރީ އެގެއިން ނިކުމެއެވެ. މިހާރު އޭނާ ހުރީ އޭނާގެ ރައްޓެއްސެއްގެ ގާތު ހުޅުމާލޭގައެވެ.

މިމައްސަލަ ޖެންޑާ މިނިސްޓްރީން ބަލަމުން ގެންދާ ކަމަށް އެމިނިސްޓްރީން ބުނެފައިވީ ނަމަވެސް، ކުރިން ވެސް މިމައްސަލަ އޭނާ އަމިއްލައަށް ވަނީ ޖެންޑާއަށް ހުށަހަޅާފައެވެ. އެއީ އެގެއަށް ދިރިއުޅެން ދިޔުމުގެ ވެސް ކުރިން، އޭނާއަށް ނަފްސާނީ ގޮތުން އެމީހުންގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަކާއި ގުޅިގެންނެވެ.

“ޖެންޑާއާއި ހަމައަށް މިފަހަރު އަޅުގަނޑު ނުދަން. އެކަމަކު ޕޯސްޓުތައް ފެނިގެން ޖެންޑާއިން އަމިއްލައަށް ވަނީ އަޅުގަނޑަށް ގުޅާފަ. އެއީ ރަށުން ވިޔަސް އަޅުގަނޑު ހުންނާނެ ތަނެއް ހަމަޖައްސައިދޭން. ރަށުގަ އަޅުގަނޑުގެ އެއްވެސް ގެއެއް ނުހުރޭ. މަންމަގެ ހުރޭ ގޯއްޗެއް، އެތާކު ނުހުރޭ ގެއެއް އަޅާފައެއް. އެބޭފުޅުން އަޅުގަނޑު ފޮނުވަން އުޅޭތަނެއް ނޭނގެ. އަޅުގަނޑު އަމިއްލައަށް ބުނިން މަންމަގެ ވަރަށް ދުރުތާ ތިމާގެ ބައެކޭ ތިބޭނީ. އެމީހުންނަކީ ޤާނޫނީ ގޮތުން ވެސް އަޅުގަނޑު ބެލުމުގެ ބަލަދެއް އަރާ ބައެއް ނޫނޭ. ޖެންޑާއިން ބުނި އެކަމަކުވެސް އެބޭފުޅުން ވާހަކަ ދައްކާނެ ކަމަށް. އަޅުގަނޑު ވާނެ ޑިސެމްބަރ ގެ ކުރިން ވެސް ޖެންޑާއަށް ގޮސް މައްސަލަ ޖައްސާފަ، އަޅުގަނޑަށް ކެތްނުވާ ހިސާބަށް ދިޔައިމަ. އެއީ އެގެއަށް ދިރިއުޅެން ދިޔުމުގެ ކުރިން. ކުރީގެ ފިރިމީހާގެ ދައްތައަކާ ޒުވާބު ހިނގާތީ. ކުދިން ކުރިމަތީގަ ޒުވާބު ކުރާތީ އަޅުގަނޑު އެދުނީ އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް. ޖެންޑާއިން ބުނީ އުޅެން މަސައްކަތް ކުރާށޭ. ކޮންމެވެސް ކޯހެއް ހަދާފަ. އަޅުގަނޑު ބުނިން އަޅުގަނޑަކަށް ނެތޭ އެކޯސް ހަދަން އެފޯޑް ކުރެވޭކަން. އެފަހަރު ޖެންޑާއިން ވެސް އެހާބޮޑު ސަމާލުކަމެއް ނުދީ އަޅުގަނޑު ފޮނުވާލީ.” އޭނާ ބުންޏެވެ.

އެހާލުގައި އޭނާ ފޮނުވާލުމަށްފަހު ހާލު ބަލާލަން ޖެންޑާއިން ގުޅާފަވެސް ނެތް ކަމަށާއި ނަމަވެސް އޭނާގެ ހާލު ބަޔާން ކޮށްދެމުން އޭނާގެ އެކުވެރިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުތައް ދައުރުވާން ފެށިފަހުން އެމިނިސްޓްރީން އަމިއްލައަށް ގުޅާފައިވާކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.

މިފަދަ މައްސަލައެއް ބަލަމުން އަންނަކަން މިނިސްޓްރީ އޮފް ޖެންޑާ އިންވެސް ވަނީ “ސުވާދީބަށް” ކަށަވަރު ކޮށްދެއްވާފައެވެ.

“އަޅުގަނޑު ބޮޑަށް ބޭނުންވަނީ ދައުވާ ކުރާކަށް ނޫން. ބޮޑަށް ބޭނުމީ ކުދިން ގޮވައިގެން އުޅެވޭނެ ފަސޭހަ، ރަނގަޅު މާހައުލެއް” މިބަސްތައް ބުނުމާއެކު އޭނާއަށް ރޯން ފެށުނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދެ “ވެރިން”ގެ ގަދަ ހިފުމުގައި ގައުމާއި ނިކަމެތި ރައްޔިތުން ފިތިފައި؟

ސުވާދީބު

ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވާން އެންމެންގެ އެއްބާރުލުން ބޭނުންވޭ:އަލީ ވަހީދު

ސުވާދީބު

ސަރުކާރުގެ އެއްވެސް އެހީއެއް ނުލިބޭ ދަރިވަރުން!

ސުވާދީބު
Share