ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫނެވެ. ހަލާލު ގޮތުގައި އާމްދަނީ ހޯދަން ކޮންމެ މަސައްކަތަކީ ވެސް ކުރަން ރަނގަޅު މަސައްކަތެވެ. މިއީ އެންމެން ވެސް ބުނާ ވާހަކައެކެވެ. ނަމަވެސް އަމަލީ ގޮތުން ކޮންމެ ކޮންމެ މަސައްކަތެއް ކުރުން އެއީ ގިނަ މީހުންނަށް ކުރަން ކެރޭ ވަރު ކަމަކަށް ނުވެއެވެ.
އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫންކަން ގަބޫލުކޮށް ވަރަށް ކެރިގެން މަސައްކަތް ކުރާ އެކަކީ އިންޑިއާގެ ނިއުދިއްލީގެ މަގުމަތީގައި ސައި ވިއްކުމުގެ މަސައްކަތް ކުރާ ލަކްސްމަން ރާއޯ އެވެ. 1952 ވަނަ އަހަރު ރާއޯ އުފަންވީ އިންޑިއާގެ އެކަހެރި އަވަށެއް ކަމަށްވާ އަމްރަވާތީ އަށެވެ. ކުޑައިރު ވެސް އޭނާ ބޭނުންވީ މޮޅުން ލިޔުންތެރިއަކަށް ވާށެވެ. އެއުއްމީދު އޭނާ ކިތަންމެ ރަނގަޅަކަށް ވެސް ހާސިލް ކޮށްފިއެވެ. އޭނާ މިހާތަނަށް ވަނީ 25 ފޮތް ލިޔެގެން ބާޒާރަށް ނެރެފައެވެ. އިންޑިއާ އާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރާއޯގެ ފޮތްތައް މަޝްހޫރެވެ. ނަމަވެސް މަގުމަތީގައި ސައި ވިއްކުމަކީ އޭނާ ކޮންމެ ދުވަހަކު ކުރާ މަސައްކަތެވެ.
ދުވާލު ގިނަ ވަގުތު ސައި ވިއްކުމުގައި އުޅުނު ނަމަވެސް ރާއޯގެ ފޮތް ލިޔުމުގެ މަސައްކަތައް އެކަމުގެ ސަބަބުން އުނިކަމެއް ނާދެއެވެ.
“އެންމެ މުހިންމު ކަމަކީ ވަގުތު ހެޔޮގޮތުގައި ބޭނުން ކުރުން. ކޮންމެ ދުވަހަކު އަހަރެން ލިޔަންށާއި އެހެން މީހުންގެ ލިޔުންތައް ކިޔަން ފަސް ގަޑިއިރު ހޭދަކުރަން.” ރާއޯ ބުންޏެވެ.
ރާއޯ ކޮންމެ ދުވަހަކު ވެސް ފޮތެއްގެ ހަތް ޕޭޖް ނުވަތަ އަށް ޕޭޖް ލިޔެއެވެ.
ރާއޯ ފުރަތަމަ ސީނިއާ ސެކަންޑްރީ ސްކޫލް ނިންމީ އުމުރުން 37 އަހަރު ގައެވެ. އަންޑާ ގްރްޖްއޭޝަން ހާސިލް ކުރީ އުމުރުން 50 އަހަރުގައެވެ. މާސްޓާސް ފުރިހަމަ ކުރީ އުމުރުން 63 އަހަރުގައެވެ. މިހާރު އޭނާގެ އުމުރުން 66 އަހަރެވެ.
ރާއޯގެ ފޮތްތައް އެމޭޒަން ފަދަ ދުނިޔެއަށް މަޝްހޫރު އޮންލައިން ފިހާރަތަކުން ލިބޭނެއެވެ.
އުމުރުން ދުވަސްވި ނަމަވެސް ރާއޯ ހުރީ އޭނާގެ މަސައްކަތް ހުއްޓާލާ ގޮތަކަށް ނޫނެވެ.
Facebook Comments