web analytics
ްކޮލަމ

ޝަންގްރިއްލާގެ ރިސޯޓްވެސް ބަންގާޅީންނަށް ބަރޯސާވެފައި!.

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

އަހުރެން ހުންނަނީ ޝަންގްރިއްލާއޭ ނުކިޔައި ފަރުޖެއްސޭތޯ ބަލައިގެންނެވެ. ބޭރުގެ އެވަރު ކުންފުންޏަކުން އަފުރެމެންގެ އެކަހެެރި އައްޑޫގައި އެވަރު ބޮޑު އިންވެސްޓެއްކޮށް ގުޑުމެއްވެސް އަރުވާނުލައި ނަލަކޮށް އެކަހަލަ ބޮޑު ރިސޯޓެއް ހިންގަންޏާ އެއުރެންނާއި ފޮށި ނެތިނުބައި މޮށޭކަށް ނުވާނެތާއެވެ. އެހެންވެ ހައްޕު ކިޔައިގެން ހުންނަނީއެވެ. އެކަމަކުވެސް ކެތް ނުކުރެވޭ ހާލަތު އައީމާ އަނގަ ހުޅުވޭނެއެވެ. ހިރުވަންޏާ އެބަހިރުވައޭ ބުނެވޭ ފަދައިންނެވެ. މިފަހަރު މިއޮތީ ހިރުވާވަރުން އެހެން ބުނާން ޖެހިފައެވެ.

މިފަހަރު އެހާބޮޑަށް ހިރުވައިގަތީ ޝަންގްރިއްލާގެ ވަޒީފާތަކަށް ބަންގާޅު ކުދީންވެސް ނަގަން ފަށައިފި ވާހަކަ އަޑު އިވުމުންނެވެ. އަދި މިލިޔެވުނީ މުޅީން ރަނގަޅަކަށް ނޫނެވެ. ސާރވިސް ދާއިރާގެ ވަޒީފާތަކަށް ބަންގާޅު ކުދީން ނަގަން ފެށުމުންނެވެ. އެއީ ރޫމްބޯއި ކަމާއި ވެއިޓަރުކަން ފަދަ ވަޒީފާތަކެވެ. މިކަހަލަ ވަޒީފާތައް ނުލިބިފައި އެވަޒީފާތަކަށް އެދިއެދި އެތައް ޒުވާނުންނެއް އައްޑޫގައި ތިއްބާ އާނ ދޮގޭ މަމެން މިފަހަރު މިކަންކުރާނީ މަމެންނަށް ފެނުނު ގޮތަކަށޭ ބުނެފައި ބަންގާޅު ކުދީން ނެގީމާ ނުކަހާވަރެއްވެސް ނޫނެވެ. ވަރަށް ބޮޑަށް ކަހާނެއެވެ. އެކަމުގެ ސަބަބުތައްވެސް ގިނަގުނައެވެ.

އަޑުއިވޭ ވާހަކަތައް ތެދުކަމަށް ވަނީވިއްޔާ ޝަންގްރިއްލާގެ ވަޒީފާތަކުގައި މިހާރުވެސް ގިނައީ ބިދޭސީންނެވެ. އޭގެތެރެއިން ގިނަ މީހުންނަކީ އައްޑޫން ލިބޭން ތިބި މީހުންނަށްވުރެ ވަކި މޮޅުބައެއް ނޫނެވެ. ޖީއެމް ހިތަށް އެރި އެއްޗަކުން ނުވަތަ އެޗްއާރުގައި ހުންނަ މީހަކަށް ހީވި އެއްޗަކަށް ރިއާޔަތް ކޮށްފައި އެއުރެން ހިތާވާގޮތަކަށް ގެންދާ ކަމަކީއެވެ. އެހެންވީމާ އަހުރެން ހިތަށް މިއެރީ މިކަމަކީ ޖީއެމްގެ މޫޑަށް ދޫކޮށްލައިގެން ފަރުޖެއްސޭވަރަށްވުރެ ސީރިއަސް ކަމެއްކަމާއި ސީރިއަސްވަނީ ކީއްވެގެންކަން ކިޔައިދިނުމަށެވެ. ނޭނގޭ ބަޔަކަށް ކިޔައިދީ ކަންކަން އޮޅުންފިލުވައިދިނުމަކީ އޮންނަ ކަމެކެވެ.

ދަންނާށެވެ. ވިލިގިއްޔަކީ ފަޅުރަށެކޭ ބުނެވޭ ދަރަޖައިގައި އައްޑޫގައި އޮތް ހަމައެކަނި ރަށެވެ. އެރަށަކީ އައްޑޫ މީހުންގެ ވިންދެވެ. އެވިންދާއި ކުޅެގެން ތިރީސް އަހަރުވާންދެން ބަޔަކު ވޯޓުވެސް ހޯދައިފިވެ. ވިލިގިލީގައި ރިސޯޓެއް މިހަދަނީއޭ ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނޭ މަގު މިހުޅުވައިދެނީއޭ ކިޔައިލަކިޔައިލާ ތިރީސް އަހަރުވާންދެން ބަޔަކު ތިއްބެވެ. މިހުވަފެން ދެކޭން ތިއްބައި މިއުއްމީދުގައި ކުލަ ނުޖެހި އެތައް ބަޔަކު ދުނިޔެ ދޫކޮށް ހިގާއްޖެއެވެ. ޒުވާނުން މުސްކުޅިވެއްޖެއެވެ. ވަޒީފާއަށް ދެވޭނޭ ކަމުގެ އުއްމީދުގައި ކައިވެނިކުރި މީހުންގެ ދަރީން ބޮޑެތިވެ އެދަރީންނަށް ދަރީންލިބި އެދަރީން ވަޒީފާޔަށް ނުކުންނަވަރު ވެއްޖެއެވެ.

ވިލިގިލީގައި ރިސޯޓެއް ހެދުން ހަގީގަތަކަށްވެ އެތާގައި ރިސޯޓެއް ހުޅުވުނީ އައްޑޫ ރައްޔިތުން މިހައި ދިގު އިންތިޒާރެއް ކުރި ފަހުންނެވެ. އެތަކެއް އަގުވެސް އަދާކުރި ފަހުންނެވެ. އެހެންވީމާ ތިޔަ ރިސޯޓަކީ ހަގީގަތުގައި ރިސޯޓެއް ނޫނެވެ. ތިޔައީ އައްޑޫ ރައްޔިތުންގެ ލަގޮޑިއެވެ. ތިޔަތަނުގެ ވަޒީފާއަކީ އައްޑޫ ހަމަ ކޮންމެ މީހަކަށްމެ ހުރުމަތްތެރިވެގެންވާ މަސައްކަތެކެވެ. އިންތިޒާރު ކުރެވޭ މަސައްކަތެކެވެ. ތިޔަ ރިސޯޓެއް ހުޅުވުމުގެ މައިގަޑު ބޭނުމަކީވެސް އެއީއެވެ. މިހަގީގަތް ޝަންގްރިއްލާވެސް ދަންނާން އެބަޖެހެއެވެ. އިޖުތިމާއީ ޒިންމާއޭ ކިޔަނީ މިޒާތުގެ ކަންކަމަށެވެ. ރިސޯޓުގެ ޖީއެމަކަށް އިންޑިޔާ މީހަކު ހުއްޓަސް އަދި ޒަންޖިބާރުގެ ބަބުރަކު ހުއްޓަސް މި ޒިންމާއިން ރެކިގަނެވިގެން ނުވާނެއެވެ. އެޒިންމާޔަކީ ވަޒީފާ ދިނުމުގައި އައްޑޫ ރައްޔިތުންނަށް އިސްކަން ދިނުމެވެ.

އައްޑޫ މީހުންނަށް ވަޒީފާ ހަމަނުޖެހުމާއި ބިދޭސީން ގިނަވުމުގައި އޮތީ ޝަންގްރިއްލާ ނުވަތަ ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރާއި އެޗްއާރުގެ އެކަނި މައްސަލައެއް ނޫނެވެ. އެކަމުގައި ބޮޑީ ދިވެހި ސަރުކާރުގެ މައްސަލައެވެ. ކަންކަން ތަންފީޒުކުރުމާއި ތަންފީޒުވޭތޯ ބެލުމުގައި ސަރުކާރު ވަނީ އިހުމާލުވެފައެވެ. މި ސަރުކާރު ކިތަންމެހާވެސް ބޮޑަށް ދޯހަޅި ވެއްޖެއެވެ. ދޯހަޅިވީމާ އެކަން ޝަންގްރިއްލާގެ މެނޭޖަރަށްވެސް މޭރުންވެ އެނގޭނެއެވެ. ދެން ދިވެހީންނާއި ދިވެހިރާއްޖެއާއި ދިވެހީންގެ މަސްލަހަތާއި ގުޅޭ ކަންކަމުގައި އޭނާވެސް ހަދާނީ ހަދާނެ އެއްޗެކެވެ. ސަރުކާރުން ކުރުވަން ނޫޅޭ ކަމެއް ޝަންގްރިއްލާއަކުންވެސް ނުކުރާނެއެވެ.

ހެދިފައިހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ޝަންގްރިއްލާ ފަދަ ތަންތަނުން ބޯލަނބާވަރު ބަލައި މަގުން ކަސިޔާރުވެފައިވާނަމަ ހަމަ މަގަށް އެޅުވުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެކެވެ. ދޭތެރެ ދޭތެރެއިން މިފަދަ ތަންތަނަށް އަރައި ބަލައި ދޭންޖެހޭ ޑޯޒެއް ވިއްޔާ ދެމުން ގެންދާން ޖެހޭނެއެވެ. އޭގެ ބަދަލުގައި މިފަދަ ރިސޯޓުތަކަށް ސަރުކާރުގެ ވެރީން އަރާ ވަޑަައިގެންފައި ރިސޯޓުގެ މެހުމާންދާރީއާއި ރިސޯޓުގެ ޑޯޒުގައި ތިއްބަވައިފައި ފުރައިވަޑައިގެންނެވުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ. ޝަންގްރިއްލާގެ މެނޭޖުމަންޓަށް ވިލިގިއްޔަކީ ކިހާވަރެއްގެ ތަނެއްކަން ދޭތެރެ ދޭތެރެއިން އޮޅުން ފިލުވައިދީ ތާޒާކުރުމަކީ އެވެރީން ކުރަން ޖެހޭނެ ކަމެކެވެ. ޓޫރިޒަމް ރެގިއުލޭޓް ކުރާ އިދާރާގެ ވެރިޔާގެ ގޮތުގައި މިކަންކަން ނުބެއްލެވޭކަމަށް ވަންޏާ ޓޫރިޒަމް މިނިސްޓަރު ފޭލްވީއެވެ.

ޓޫރިޒަމް މިނިސްޓަރު ދައްކަވާކަމަށް ފެންނަނީ ހުސް ވާހަކަތަކެކެވެ. ނަތީޖާ ފެނުމެއް ނެތް ވާހަކަތަކެކެވެ. ޔާމީނުގެ ސަރުކާރުން ދިވެހީންނަށް 94 ހާސް އައުވަޒީފާ އުފެއްދާއިރު އެބާޒާރުގެ ބޮޑުބައެއް ފުރައިދޭނީ ޓޫރިޒަމް ދާއިރާއިންނޭ ބުނަނީ ޓޫރިޒަމް މިނިސްޓްރީންނެވެ. ޝަންގްރިއްލާ ފަދަ ތަންތަނުން ދިވެހީންނަށް ވަޒީފާ ނުދީ ބޭރު މީހުންނަށް އިސްކަންދިނުމަކީ މިވައުދު ހަގީގަތަކަށް ހަދައިދިނުމަށް ތިޔަ މިނިސްޓްރީން ކުރާ މަސައްކަތުގެ ނަތީޖާކަމަށްވާނަމަ ދެން މަމެން ދައްކަންޖެހޭ އިތުރު ވާހަކައެއް އޮންނާނެބާވައެވެ. ނޯންނާނެއެވެ.

ތިޔަ މަސައްކަތާއި ތިޔަ ވައުދަށް ސާބަހެވެ. އަދި އައްޑޫގައި މިފަށަނީއޭ ބުނެ އިއުލާންކުރި ގެސްޓް ހައުސް މަޝްރޫއާއި ފަސްހާސް އެނދުގެ މަޝްރޫއަށްްވެސް އައްސަރިބަހާއި ސާބަހެވެ. ތިޔަވަރުން ދެހާސް އަށާރަ ކާމިޔާބު ކުރެވި ފުދި އިތުރުވެސް ވެއްޖެއެވެ. ދެން އައްޑޫގައި އަސުރުމާ އޮޅިއަށް ނާބަ ޖަހައިދޭން އުޅޭ ކުދީންކޮޅު އެއްކޮށްގެން އަތްޖަހައިލީމާ ތަރައްގީ ބާނަން ޖެހޭނީ ކުރުދޮށިންނެވެ. ތަރައްގީއަކީ ދިވެހީން ނިކަމެތިވުމާއި ބިކަވުމެވެ. ދެންވެސް އަތްޖަހާށެވެ. ބާރަށް ޖަހާށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އިންކަމް ޓެކްސް އާއި މާލޭގެ ބޮޑުވަމުންދާ ކުލި، އަދި ރައްޔިތުންގެ ހާދިމުން!

ސުވާދީބު

ރައީސް ސޯލިހު ފުއްދިޔަ ނުދިން ވައުދު!

ސުވާދީބު

ރާއްޖޭގެ ސިޔާސީ ކުރިމަގު ކަނޑައެޅުމުގެ ނާޒުކު އިންތިހާބު!

ސުވާދީބު
Share