ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މާލޭގެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ރަނގަޅުކުރަން ޖެނުއަރީ 2017 ގައި 140 މިިލިއަން ރުފިޔާ ހޭދަކޮށްގެން ހާއްސަ ވެހިކަލްތަކެއް ގެނައުމުން، ބޮޑު ހައްލެއް ލިބޭނެ ކަމަށް ކުރި އުއްމީދު މިހާރު ވަނީ ފެނަށް ވެފަ އެވެ. ބަނދަރުގެ ކަންކަމަށް ހާއްސަ އެ ވަހިކަލްތަކުގެ ތެރެއިން ގިނަ ވެހިކަލްތައް ހަލާކުވެ، ރާއްޖޭގެ އެންމެ ބޮޑު ބަނދަރު އަނެއްކާ ވެސް ވަނީ ތޮއްޖެހިފަ އެވެ.
ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެވެ. އިގުތިސާދީ މަސައްކަތްތަކަށް ބޮޑު ލަސްކަމެކެވެ. މުދާ ކްލިއަކުރާ ކުންފުނިތަކާއި މުދާ އެތެރެކުރާ ވިޔަފާރިވެރިންގެ ޝަކުވާ ދަނީ ގިނަވަމުންނެވެ.
ވިޔަފާރިވެރިންގެ ޝަކުވާ
ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތުގެ އިސް އެއް ކުންފުނި ކަމަށް ވާ ސެންޗޫރިއަންގެ ޗެއާޕާސަން އަހުމަދު މައުމޫން ވިދާޅުވީ މުދާ ކްލިއަ ކުރުމުގައި ބޮޑު ތަކްލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ. ރިސޯޓުތަަކަށާއި އެހެން ރަށްރަށަށް މުދާ ގެންދިއުމަށްޓަކައި ވިޔަފާރި ބަނދަރު ސަރަހައްދުގައި ލޭންޑިން ކްރާޕްޓްތައް ބާއްވައިގެން އެތައް ދުވަހެއް ވަންދެން އޮންނަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
“މުދާ ބަރުކުރަން ދުވާލަކަށް 30،000ރ. ދީގެން ލޭންޑި ކްރާފްޓް މި ގެންނަނީ. އެކަމަކު ހަތަރު ފަސް ދުވަސް ނަގާ އެގޮތަށް ބަނދަރުގައި ބާއްވަން. މީގެ ސަބަބުން، ވިޔަފާރިވެރިންގެ އަތުން ބޮޑު ފީއެއް ދައްކަން ޖެހޭ. މުދާ ރިސޯޓުތަކަށް ސަޕްލައި ކުރަން ޖެހޭ އިރު ކޮންމެ ފަހަރަކު ދެ ލައްކަ ރުފިޔާ [އިތުރަށް] އެކަމަށް ހަރަދުވޭ،” އޭނާ ވިދާޅުވި އެވެ.
ލޭންޑިން ކްރާފްޓްތަކަށް މުދާ އެރުވޭނީ މުދާ ގެންނަ ބޯޓުފަހަރުން މުދާ ބޭލިގެންނެވެ. އެކަމަކު ވެތުވެދިޔަ ފަސް މަސް ދުވަހު ބަނދަރަށް މުދާ ބާލައި، އެހެން އެހެން އެއްޗިއްސަށް މުދާ ބަރުކުރަން އެތައް ހުރަހެއް ވަނީ ކުރިމަތިވެފަ އެވެ. އޭގެ އެއް ސަބަބަކީ އެމްޕީއެލް ވެހިކަލްތައް ހަލާކުވުމެވެ.
“އެންމެ ފަހުން ގެނައި ހުރިހާ ވެހިކަލެއް ވަނީ ހަލާކުވެފައި. މިކަމަށް އަވަސް ހައްލެއް ވެސް ނުލިބޭ،” މައުމޫން ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެހާ އަވަހަށް ވެހިކަލްތައް ހަލާކުވީ ފެންވަރު ދަށްކަމުންނެވެ.
“މިފަދަ މަސައްކަތްތައް ކުރުމަށް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ވެހިކަލްތައް ހުރޭ. އެކަމަކު ބޮޑު ހޭދައެއް ކޮންގެން ގެނެސްފައިވަނީ ޗައިނާގެ ވެހިކަލްތަކެއް،” މައުމޫން ވިދާޅުވި އެވެ.
މާލޭ ވިޔަފާރިންގެ ބަނދަރު
ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ކުންފުނި ކަމަށް ވާ ލިލީ ޝިޕިންގެ ޗެއާމަން މައްލާ އަހުމަދު ނާސިރު ވިދާޅުވީ މުދާ އުފުލުމުގައި މިހާރު ދިމާވަނީ ބޮޑެތި މައްސަލަތަކެއް ކަމަށެވެ.
“މަސައްކަތް މި ކުރަނީ މުދާ ލަސްވެގެން ނުދާނެ ގޮތަކަށް [ވޭތޯ]،” ބަނދަރުން މުދާ ނެރެން އެތައް ހުރަހެއް ކުރިމަތިވާކަން ފާހަގަކުރައްވަމުން ނާސިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލްގެ ކަންކަން ބެލެހެއްޓޭނީ މުދާ އުފުލުމުގެ ކަންކަން ދަންނަ މީހަކު އެތަނާ ހަވާލުވެގެންނެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ދަނީ އެނބޫދޫފަޅުގަ އެވެ. އެ މަޝްރޫއުއަށް ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ ހަރަދުކުރާ އިރު ހިއްކައިގެން ނުވަ ރިސޯޓެއް ތަރައްގީކުރެ އެވެ.
އެނބޫދޫ ފަޅުގައި ކުރިއަށް ގެންދާ، ކްރޮސްރޯޑްސް އިންޓަގްރޭޓަޑް ރިސޯޓް މަޝްރޫއުގެ ކޮންސްޓްރަކްޝަން ގިނަ މަސައްކަތްތަކެއް ކުރަނީ އައިމާ ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުނީގެ އިސް ވެރިޔަކު ވިދާޅުވީ އެފަދަ ބޮޑެތި މަޝްރޫއުތައް ލަސްވުމުގެ އެއް ސަބަބަކީ ވިޔަފާރި ބަނދަރުން މުދާ ކްލިއަކުރަން ހުރި ހުރަސްތައް ކަމަށެވެ.
މިހާރު ދިމާވެފައި އޮތް ދަތިތަކުގެ ސަބަބުން ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދަނީ ބޮޑު ގެއްލުންތަކެއް ލިބެމުންނެވެ. ބޭރުން ގެންނަ މުދާ ނުބޭލި، މަޝްރޫއުތައް ލަސްވެ، ކަނޑައަޅާ މުއްދަތުތައް ދަނީ ފަހަނައަޅަމުން ކަމަށް، ބައެއް ކުންފުނިތަކުން ބުނެ އެވެ.
“އެނބޫދޫ ފަޅުގެ މަސައްކަތް ވެސް އެންމެ އަވަސްމިނުގައި ނުދަނީ ބޭނުންވާ މުދާ ބަނދަރުން ކްލިއަ ނުކުރެވިގެން. މުދާ އުފުލުމަށް މިހާރު ބޭނުން ކުރާ ގިނަ އުޅަނދުތައް ވަނީ ހަލާކުވެފައި. މިކަން ހައްލު ކުރުމަށް ރަނގަޅު ގޮތްތަކެއް ހޯދަން ޖެހޭ،” އައިމާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
މުދާ އުފުލުގައި ދިމާވާ ހުރަސްތައް ނައްތާލެވޭނީ ރަނގަޅު ފެންވަރެއްގެ ބަދަރެއް ތަރައްގީ ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
“ތިލަފުށި ފަދަ ތަނެއްގައި ރަނގަޅު ފެންވަރެއްގެ ބަދަރެއް ތަރައްގީ ކުރަންޖެހޭ. އޭގެ ކުރިންވެސް ކުރެވިދާނެ ކަންކަން އެބަހުރި. އެމްޕީއެލްގެ އޮޕަރޭޝަންތައް މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ. ރަނގަޅު ފެންވަރެއްގެ ވެހިކަލްވެސް ބޭނުންވޭ،” އޭނާ ވިދާޅުވި އެވެ.
ޝިޕިންލައިންތަކަށް ދިމާވާ ގެއްލުން
މާލޭގެ ވިޔަފާރި ބަނދަރު، ރާއްޖޭގެ މިހާރުގެ އިގުތިސާދަށް ބަލާއިރު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. މިސާލަކަށް ޖާގައަށް ބަލައިލަމާ ހެއްޔެވެ؟ ރާއްޖެ އަށް އަހަރަކު ލައްކައެއްހާ ކޮންޓޭނަރުގެ މުދާ އެތެރެކުރާ އިރު އެ އެއްޗެހި ބެހެއްޓޭނެ ގޮތެއް މާލޭ ބަނދަރަކު ނެތެވެ. އެ ހާލަތުގައި އޮތް ތަނަކަށް، ބޯޓުފަހަރުން މުދާ ބާލައި އަދި އެރުވުން ލަސްވަމުން ދާ ނަމަ ދެން ދިމާވާނެ މައްސަލަތައް ގިނަ އެވެ.
މުދާ ބޭލުން ލަސްވުމުގެ ސަބަބުން މުދާ ގެންނަ ބޯޓުފަހަރަށް ވެސް ބޮޑެތި ގެއްލުންތަކެއްވެ އެވެ. ސެންޗޫރިއަންގެ މައުމޫން ވިދާޅުވީ މާލޭ ބަނދަރުގައި ބޯޓުފަހަރު ގިނަ ދުވަސްތައް ހޭދަކުރަން ޖެހުމުން، ޝިޕިންލައިންތަކުން ބޮޑު ފީއެއް ދައްކަން ޖެހޭ ކަމަށެވެ. މުދާ ބޭލުމަށް ފަހު ހުސް ކޮންޓެއިނަރުތައް އަރުވަން އެތައް ދުވަހެއް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ މަޝްހޫރު ޝިޕިންލައިންތަކުން ރާއްޖެ އަށް ދަތުރުކުރަން މިހާރު ބޭނުން ނުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
“އެންމެ ފަހުން އޮތް ލިލީ ބޯޓު އެ ދިޔައީ 17 ދުވަސް ބަނދަރުގައި އޮވެފައި. މިކަމުގެ އަގު އުފުލަން މި ޖެހެނީ ކޮންސައިނީ (މުދާ ގެންނަ ފަރާތުން). މި އަހަރު އެކަނި މިގޮތަށް ބޯޓުތަކަށް ލިބޭ ގެއްލުމުގެ ގޮތުގައި ވިޔަފާރިވެރިންގެ އަތުން ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހޭދަވާނެ،” އޭނާ ވިދާޅުވި އެވެ.
ބަނދަރުގައި ހުންނަ ހުސް ކޮންޓެއިނަރުތައް ގިނަވެގެން ފަސްވަރަކަށް ދުވަހުގެ ތެރޭގައި ބޯޓަށް އެރުވޭ ނަމަ ވިޔަފާރިވެރިންނަށާއި ބޯޓުފަހަރަށް ލިބޭ ގެއްލުން ކުޑަވާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. ނަމަވެސް މާލޭ ވިޔަފާރި ބަނދަރުގައި އެވްރެޖުކޮށް ބޯޓުތައް 12 ދުވަސް ހޭދަކުރަން ޖެހެ އެވެ. މިދިޔަ އޮގަސްޓް މަހުގައި ބައެއް ބޯޓުފަހަރު 27 ދުވަސް ވެސް ހޭދަކުރަން ޖެހުނެވެ.
މުދާ ނުބޭލި ވޭތުވާ ކޮންމެ ދުވަހަކީ ވިޔަފާރިވެރިންނަށް ގެއްލުމެކެވެ. އެކަމުގައި ވިޔަފާރިވެރިންގެ އަތުން ހޭދަވާ ފައިސާ ވެސް ގިނަ އެވެ. ނަތީޖާއަކަށް ވަނީ މުދަލުގެ އަގު ބޮޑުވެ، އާންމުންގެ އަތުން އެފައިސާ ދައްކަން ޖެހުމެވެ.
ރާއްޖެއަކީ އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައިވާ ގައުމަކަށް ވީހިނދު މާލޭ ވިޔަފާރި ބަނދަރުގައި ހުރި މައްސަލަތަކަކީ އިގުތިސާދަށް އޮތް ހުރަހެކެވެ. އަހަރުން އަހަރަށް އިމްޕޯޓް ގިނަވެ، ވިޔަފާރިތައް އަންނަނީ ފުޅާވަމުންނެވެ. މިދިޔަ އަހަރު އެކަނި ވެސް ރާއްޖެ އަށް 2.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.
ރާއްޖެ އަށް ގެންނަ މުދާ އިތުރުވަމުންދިޔަ ނަމަވެސް މުދާ ބާލައި ކްލިއަ ކުރުމަށް ބޭނުން ކުރާ ބަނދަރުގެ ސައިޒަށް ބަދަލު ނާންނަތާ އެތައް ދުވަހެއްވެ، ބަނދަރު ވަނީ ތޮއްޖެހިފަ އެވެ. ބަނދަރުގެ ގާބިލްކަމާ ނުބައްދަލު މިންވަރަކަށް މުދާ ދަނީ ބާލަމުންނެވެ. ގާތްގަނޑަކަށް 40،000 ހޭންޑްލިން ކޮންޓެއިނަރު ބެހެއްޓުމުގެ ޖާގަ އޮންނަ ބަނދަރަށް އަހަރަކު އެއް ލައްކަ އަށް ވުރެ ގިނަ ކޮންޓެއިނަރު ބާލައި ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. ބަނދަރުގައި ބޭނުން ކުރާ އިކުއިޕްމެންޓް މަރާމާތު ނުކުރެވި، ޖާގަ ބޮޑު ނުވާ އިރު އެތެރެކުރާ މުދާ އިތުރުވުމުގެ ސަބަބުން އުނދަގޫތައް ތަހައްމަލު ކުރަން ޖެހެނީ ވިޔަފާރިވެރިންނަށެވެ.
ވެހިކަލްތައް މަރާކަތު ނުކުރެވެނީ އެ ވެހިކަލްތަކަށް ބޭނުންވާ ސްޕެއާޕާޓުތައް ލިބުމުގައި އުނދަގޫވުމުގެ ސަބަބުންކަން، “މިހާރު”އަށް އެނގިފައިވެ އެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި މުހައްމަދު ޖުނެއިދު ހުންނެވި ދުވަސްވަރު 2017 ގައި 22 އުޅަނދު ޗައިނާއިން ގެނައި ނަމަވެސް އެކަމުން ލިބުނު ލުއި ތަޖުރިބާކޮށްލެވުނީ މަދު ދުވަސް ކޮޅަކަށެވެ. އޭރު މުދާ ކްލިއަ ކުރުމަށް ނެގީ އެންމެ ފަސް ވަރަކަށް ދުވަހެވެ.
އިގްތިސާދީ ދުވެލި ހަލުއިކޮށް އާންމު ހިދުމަތްތައް އަވަސް ކުރުމަށްޓަކައި ރަނގަޅު ވިޔަފާރި ބަދަރެއްގެ ބޭނުން މުހިއްމެވެ. އަދި ބަނދަރެއް ތަރައްގީ ކުރެވެންދެން ވެސް މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އަވަސްކުރަން ޖެހެ އެވެ
Facebook Comments