ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މި ފެށުނު 2019 އަހަރަކީވެސް ސިޔާސީ މުހިންމު ބަދަލަކާ އަޅުގަނޑުމެން ކުރިމަތިލާނެ އަހައް ކަމަށާއި މިއަހަރުގެ އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމް އަލުން ބައްޓަންކުރުމުގައި، ރައްޔިތުން ގޮތް ނިންމަވާނެ ދުވަހެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސް ވިދާޅުވީ މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުކުންނައިރު، ޤައުމު މިއަދު އޮތް ޙާލަތާއި، ޤައުމު ކުރިއަށް ގެންދަންވީ މިޞްރާބު ރަނގަޅަށް އެނގި ތިބެ، ޤައުމުގެ ރައްޔިތުން މަޞްލަޙަތު އިސްކުރާނެ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމުގައެވެ.
2018 ވަނަ އަހަރެކޭ އެއްފަދައިން، 2019 ވަނަ އަހަރަކީވެސް، ހުރިހާ ގޮތަކުން ބާއްޖަވެރި އަދި އުފާފާގަތި އަހަރެއް ކަމުގައި ލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“މީލާދީ އާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާ މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފޮނުވައި ތަހުނިޔާ ދަންނަވަމެވެ. އިއްޔެ އަޅުގަނޑުމެން އަލްވަދާޢުކީ، 2018 ވަނަ އަހަރެކޭ އެއްފަދައިން، މިއަދު އަޅުގަނޑުމެން މި މަރުޙަބާ ކިޔާ 2019 ވަނަ އަހަރަކީވެސް، ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ބާއްޖަވެރި އަދި އުފާފާގަތި އަހަރެއް ކަމުގައި ލެއްވުން އެދެމެވެ” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުން އާ އަހަރަކާ ކުރިމަތިލާއިރު، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތައް، ނަގަހައްޓައި ދަމަހައްޓަން ދިވެހީން ބޭނުންވެފައި ތިބި މިންވަރު، މިދިޔަ އަހަރުގެ ތެރޭގައި ފެނި ސާބިތުވެއްޖެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި، ސިޔާސީ ލީޑަރުން އެއްބައިވެ އެކަތިގަނޑަކަށް ވެވަޑައިގެން ތިއްބެވިކަމީ، ދިވެހި ރައްޔިތުންނަށް، މާތް ﷲ މިންވަރުކުރެއްވި ހެޔޮ ނަސީބެއްކަން ޔަޤީން ޔަގީންކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ޤާއިމުކޮށްފައިވަނީ، ވަރަށް މަތިވެރި އަދި އެހާމެ ފޮނި އުންމީދުތަކަކާއެކު ކަމަށާއި އެއީ، ޢަދުލުވެރިކަމާއި އިންޞާފާއި ހަމަހަމަކަމާއެކު، ރައްޔިތުންގެ މެދުގައި މުޢާމަލާތު ކުރާނެ ކަމުގެ އުންމީދުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ، ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިން ދިވެހި ދައުލަތް ސާފުކޮށްދޭނެ ކަމުގެ އުންމީދެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުންމީދުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“މިފެށޭ އާ އަހަރުގެ އުފާވެރި ޝުޢޫރުތަކާއެކު، ތިޔަ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށްދޭން ބޭނުންވަނީ، މާތް ﷲގެ ވާގިފުޅާއެކު، މި ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމުގައި ކަމެވެ” ރައީސް ވިދާޅުވިއެވެ.
Facebook Comments