web analytics
ރިޕޯޓް

ކައްޕި އާއި ފަޅުވެރިން ފިލައި، ޕީޕީއެމް ފައްތާލާއިރު އީސީ ކޮބާ؟

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރާއްޖެއަށް ކަންކަމުގެ މޫސުން ލައިގަންނަ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަނބު މޫސުމާއި، ޖަނބުރޯލު މޫސުމާއި، ކިނބޫ މޫސުމާ، މާރާމާރީ މޫސުމާއި، ފޭރޭ މޫސުމާއި، ވޯޓު މޫސުމާއި، ޕާޓީ ބަދަލުކުރާ މޫސުމާއި، މިފަދަ އެތައް އެތައް މޫސުމެކެވެ. އެ ވާހަކަތައް ދައްކާ ނަމަ ދައްކާނެ އާ ވާހަކައެއް ނެތެވެ. ނަމަވެސް މިހާރު ލައިގަނެގެން މި އުޅެނީ އާ ކަމެކޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިހާރު މި އުޅެނީ ޕާޓީ ހަދާ މޫސުން އައިސްގެންނެވެ.

އިލެކްޝަން ކޮމިޝަނުން ހުއްދަ ދީގެން ރާއްޖޭގައި މިހާރު ވެސް ހަތް ޕާޓީ ހިންގަމުންދާއިރު، އިތުރު ފަސް ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ. އެއީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ޕީޕަލްސް އެކްޝަން ޕާޓީ އާއި ޤައުމީ ވިންދާއި، ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ އިތުރުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއެވެ. 

މީގެ ތެރެއިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ނުވަތަ ޕީއެންސީއަކީ ކުރީގެ ރައީސް ޢަބްދު ޔާމީނާއި، އެމަނިކުފާނާއި ގާތް ބޭފުޅުން އުފައްދަވާ ޕާޓީއެކެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީންގެ އަރިސް ފަރާތްތަކުން ފަށާފައިވާއިރު، ޕީއެންސީ އުފެއްދުމަށް ކުރަމުންދާ މަސައްކަތުގައި ސުވާލު އުފެދޭ ފަދަ އެތައް ކަމެއް ދަނީ ފެންނަމުންނެވެ. 

ޕީއެންސީ އުފެއްދުމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ޢަބްދު ފުރަތަމަ ހުށަހެޅުއްވިއިރު، އޭނާ ހުންނެނީ ޕީޕީއެމްގެ އިންތިޚާބީ މަޤާމެއްގައެވެ. އިލެކްޝަނުން ފުރަތަމަ ބަލައި ނުގަތް ނަމަވެސް، އެންމެ ފަހުން ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ އެންމެ ނައިބުރައީސްގެ މަޤާމަށް އަބްދުއްރަހީމް ވަނީ އިންތިޚާބު ކޮށްފައެވެ. އާންމު އުސޫލުން ބަލާ ނަމަ، ޕާޓީގެ އިންތިޚާބީ މަޤާމެއްގައި ހުރެގެން އެހެން ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމަކީ ޕާޓީއާ ދެކޮޅަށް ބަޣާވާތް ކުރުމެވެ. 

 

 ނަމަވެސް މި ކަމަކީ ޕީޕީއެމްގެ މަތީފަޑިން ރޭވިގެން ހިނގާ ކަމެއް ކަމުން އަބްދުއްރަހީމާ މެދު އާންމު އުސޫލުން ކަން ކުރާކަން ނޫޅުނެވެ. ޕީޕީއެމްގައި އޮތް ނިކަން ވަރުގަދަ ސުލޫކީ ކޮމިޓީ ވެސް، ކަހާތަންހިރުވައި ވެސް ނުލިއެވެ. އެންމެ ފަހުން ޕީޕީއެމުން ވަކިވެ، ޕީއެންސީ އުފެއްދުމަށް އަބްދުއްރަހީމް އަލުން ހުށަހެޅުމާ އެކު އިލެކްޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނެވެ.

ދެން ފެނުނީ މާ ހެއްވާ މަންޒަރެކެވެ. ޕީޕީއެމް ހުއްޓުމަކަށް އައީއެވެ. ޕީޕީއެމްގެ ކައުންސިލުގެ އަޣުލަބިއްޔަތު ޕީއެންސީއަށް ސޮއިކުރި ކަމަށް ވެސް އެ ޕާޓީ އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ މަންޒަރު ފެންނަނީ ވެސް އެހެންނެވެ. ޕީޕީއެމްގެ މެންބަރުންކޮޅު ވެސް ޕީއެންސީއަށްކަހާލަނީއެވެ. އަދި ހެއްވާ ކަމަކީ މި ހުރިހާ ކަމެއް ހިންގަމުންދަނީ މިހާރު ވެސް ޕީޕީއެމްގެ އޮފީސް ހިންގަމުންދާ ހ. ހުރަފާ ތެރޭގައި ކަމެވެ. އެތަނުގެ ބޭރުގައި އަދިވެސް ޖަހާފައި ހުރީ ޕީޕީއެމްގެ ނަން ބޯޑެވެ. ލާފައި ހުރީ ޕީޕީއެމްގެ ކުލައެވެ. ރަށްރަށުގައި ވެސް ޕީއެންސީގެ މަސައްކަތްތަކަށް ބޭނުންކުރަމުންދަނީ ޕީޕީއެމްގެ ޖަގަހަތަކުގަވެ. ނުވިތާކަށް ޕީއެންސީގެ ލޯގޯ ވެސް އުފެދިގެން އެ އައީ ސުކޫލުގައި އެއް ކުއްޖަކު އަނެއް ކުއްޖާގެ ހޯމްވަރކް ކޮޕީކުރާ އުސޫލުން ޕީޕީއެމްގެ ލޯގޯގެ ނަކަލެއްގެ ގޮތުގައެވެ.  

ޕީޕީއެމްއަކީ ނަވެއްގެ ގޮތުގައި ރައީސް ޔާމީން އަބަދު ވެސް ސިފަކުރައްވައެވެ. އެ ނަވުގެ ކައްޕިއަކީ އެމަނިކުފާނެވެ. ކައިރީގައި ތިއްބެވި ބޭފުޅުންނަކީ ފަޅުވެރިންނެވެ. ސަލާމަތް އޮތީ އެ ނަވުގައި ކަމަށާއި، ކުރިއެރުން ލިބޭނީ އެ ނަވަށް އަރައިގެން ކަމަށް ވެސް އެކި މުނާސަބަތުތަކުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ވިދާޅުވާ ނަވުގެ ކުނބު ބިންދާލައި، ރިޔާ ހިފައިގެން ވަޑައިގެން ރައީސް ޔާމީން އެހެން ނަވެއް ބަންނަވަން ފައްޓަވާފައިވާއިރު، އެކަމާ ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ޤަނޫނީ ފިޔަވަޅެއް އެޅޭނެ މަގު ވެސް ފެންނަނީ ވަރަށް ހަނިކޮށެވެ.

ޕީޕީއެމް، ޕީއެންސީއަށް ބަދަލުކޮށްލުމަށް ކުރަމުންދާ މަސައްކަތަކީ އަޅާނުލައި ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ. މަންޒަރު ފެންނަ ގޮތުން ޕީޕީއެމްގެ އިސްވެރިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމް ފޮހެލައި، އެ ތަނުގައި އަލުން ޕީއެންސީ ދިރުވާށެވެ. ނަމަވެސް މިއީ މިކަން ކުރެވިގެންވާނެ ގޮތެއް ނޫނެވެ. ޕީޕީއެމްއަކީ އެތައް މިލިއަނަކުން ދަރާފައި އޮތް ޕާޓީއެކެވެ. އެތައް ހާސް މެންބަރުންގެ ހައްގުތައް އެ ޕާޓީއާ ގުޅިފައިވާ ޕާޓީއެކެވެ. އަދި އެ ބޭފުޅުން އިސްވެ ތިބެ ޕާޓީ ދަރުވާލާފައި ދަރަނިތައް އޮތްގޮތަށް އޮއްވައި އެހެން ޕާޓީއެއް އުފެއްދުމަށް ފުރުސަތު ދެވިގެން ނުވާނެއެވެ. އެ ޕާޓީއަށް ވީއެއްޗެއް ވާން ދޫކޮށްލައި، އެ ޕާޓީގެ ވެރިންނަށް އެހެން ޕާޓީއަކަށް ދެވިގެން ނުވާނެއެވެ. އެކަން އިލެކްޝަން ކޮމިޝަނުން ވެސް ޔަޤީންކޮށްދޭން ޖެހެއެވެ. މެންބަރުންގެ ހައްގުގައެވެ. ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އެ ޕާޓީއަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ދީފައިވާތީ އެ ރައްޔިތުންގެ ހައްގުގައެވެ.

މި ހާލަތުން އަރައިގަނެވޭނެ ޤަނޫނީ މަގެއް މިވަގުތު ކޮށިފައި ނެތޭ ބުނެ، މި ހިނގާ ކަންކަން ނުފެންނަ ކަމަށް ހެދިގެން އިލެކްޝަން ކޮމިޝަނަށް ތިބެވޭކަށް ނެތެވެ. ޕީއެންސީ އުފެއްދުމަށް ހުއްދަ ދިނުމުގެ ކުރިން ޕީޕީއެމްއަށް ޒިންމާވާނެ ފަރާތެއް ހޯދަން ޖެހެއެވެ. މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުތަކަކާއި އުސޫލުތަކެއް އެކުލަވާލަން ޖެހެއެވެ.

ނޫން ނަމަ ކައްޕި އާއި ފަޅުވެރިން ފިލައި، ޕީޕީއެމް ފައްތާލާއިރު އެ ޕާޓީން ދަރާފައިވާ ދަރަނިތަކާއި، މެންބަރުންނަށް ގެއްލޭ ހައްޤުތަކަށް ޒިންމާވާނީ ފަހެ އިލެކްޝަންސް ކޮމިޝަން ހެއްޔެވެ؟ ކޮންމެ ބަޔަކު ޕާޓީއެއް ހަދައި އިސްކޮޅު ނުކަތާ ވަރަށް މިލިއަނުން މިލިއަނުން ޕާޓީގެ ނަމުގައި ލޯނުތައް ނަގައި އަމިއްލަ ކެމްޕެއިންގައި ސުމާރެއް ނެތް ވަރަށް ދަރަންޏަށް ދައުލަތުގެ ވަސީލަތްތަކާއި ކުންފުނިތައް ބޭނުންކޮށްފައި ފިލަން ފުރުސަތު ދީގެން ނުވާނެއެވެ. ވަގުތުން ވަގުތަށް ގާނޫނެއް ފާސްކޮށްގެން ވިޔަސް ނުވަތަ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން އުފަންކުރާ ގަވައިދަކުން ވިޔަސް އެ ފައިސާ އަށް ޒިންމާވާނެ ފަރާތެއް ހޯދަން ޖެހެއެވެ. ނޫން ނަމަ އެ ދެވެނީ ދައުލަތަށާއި ކުންފުނިތަށް ފޫނުބެއްތޭ ވަރުގެ ގެއްލުމެކެވެ. މިކަމުގައި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން، ނިދީގައި އޮތް މަޖިލީހުން ވެސް އަވަސްވެގަންނަންޖެހޭ ކަމެކެވެ. ފިޔަވަޅު އެޅޭނެ މަގު ފަހިކޮށްދޭންޖެހެއެވެ

 

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކެބިނެޓުން އެހެން ޕާޓީތަކުގެ “ގޮނޑި” ގެއްލުވާލަނީ؟

ސުވާދީބު

ކޮރޮޕްޓް ވެފަ ތިބި މީހުން ބޮޑެތި ގަސްތަކުގެ ހިޔާ ވަހިކަން ހޯދަނީ!

ސުވާދީބު

އައިއެސްއާ ގުޅުނު ދިވެހި ޢާއިލާއެއް ހުއްޓުވުމުގައި ރާއްޖެ، އިންޑިއާ އަދި އެމެރިކާ ވެސް ފެއިލް!

ސުވާދީބު
Share