ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ ޗެއާ ހުސްނުއްސުއޫދު، ކޯޓުތަކާ ގުޅޭގޮތުން ދެއްކި ވާހަކަތަކުގެ ހެކި ހޯދަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ސުޢޫދު ފާހަގަކުރެއްވި ކަންތައްތަކުގެ ހަޤީޤަތް ހޯދައި، ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަންކަމުގެ މަޢުލޫމާތާއި އަދި ގުޅުންހުރި ހެކިތަކުގެ މަޢޫލޫމާތު ހޯދުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ސުޢޫދުގެ ފަަރާތުން ފޯރުކޮށްދެވެންހުރި މަޢޫލޫމާތާއި ހެކި ހިއްސާކޮށްދެއްވުމަށް ދެންނެވުމަށާއި އަދި ދަޢުލަތުގެ ތަޙްޤީޤީ އިދާރާތަކުންނާއި އެހެނިހެން ފަރާތްތަކުން މަޢޫލޫމާތު ހޯދުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ނިންމި ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުންނާ މެދު ކުރެވިފައިވާ ތުހުމަތުތަކަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުންތައް އެކަމުގައި ޝާމިލްވާ ކަމަކަށްވާތީއާއި އަދި އެކަމުގެ ހަޤީޤަތް ހޯދުމަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، ޖުޑިޝަރީއާމެދު އޮންނަ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ކޮމިޓީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމައި އަދި ކޮމިޓީގެ މަސައްކަތް ކުރިއަށްދާގޮތް އާންމުކޮށް ހިއްސާކުރަމުން ގެންދިއުމަށް ވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ނިންމި ކަމަށް ޖޭއެސްސީން ބުންޏެވެ.
މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި ވަނީ އެ ކޮމިޓީގެ ރައީސަކަށް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު އަދި ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހިމް ރިފްޢަތު އައްޔަން ކުރުމަށް ވެސް ފާސްކޮށްފައެވެ.
މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވަނީ ކުރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމާއި، ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް ފޯރާވާފައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ފަނޑިޔާރުންގެ ސެކިއުރިޓީންނަށް ވެސް ބައެއް ގޭންގުތަށް ބޭނުންކޮށްފައި އެބަހުރި ކަމަށާއި އަދި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ވެސް ގޭންގުތަކުގެ ނުފޫޒު އޮންނަ ކަމަށާއި މި ކަންކަމާ ގުޅިގެން ކޯޓުތަކަށް އިތުބާރެއް ނެތް ކަމަށް ސުއޫދު ވިދާޅުވިއެވެ.
Facebook Comments