ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާއަށް ވަޒީރުކަމާއި ހަވާލުވުމުގެ ކުރިން އެންމެ ފަހު ހަމަސް ދުވަހު އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންނެވީ އެންމެ 2443 (ދެހާސް ހަތަރު ސަތޭކަ ސާޅީސް ތިން ރުފިޔާ) ކަމަށް އެކަމަނާގެ މާލީ ބަޔާން ދައްކައިފިއެވެ.
ހަމައެކަނި ހަމަސް ދުވަހުގެ އާމްދަނީ އާއި މިލްކިއްޔާތުގައި ހުރި މުދަލުގެ މައުލޫމާތު ހިމަނައިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ވަޒީރުންގެ މާލީ ބަޔާންތައް ރޭ ރައީސް އޮފީހުން ވަނީ އާއްމު ކުރައްވާފައެވެ.
މިނިސްޓަރ އައިޝާގެ މާލީ ބަޔާނުން ދައްކާ ގޮތުގައި އެކަމަނާއަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންނެވި 2443 ރުފިޔާ އަކީ އެސްޓީއޯ އިން ބަލަވައިގެންފައި އޮތް ހިއްސާއަށް ލިބިވަޑައިގެންނެވި ފައިދާއެވެ.
މިނިސްޓަރ އައިޝާ އަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު މަހުޖަނު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ކަމުގައި ވީނަމަވެސް މިނިސްޓަރ އައިޝާގެ މާލީ ބަޔާނުން ދައްކާ ގޮތުގައި އެކަމަނާގެ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތެވެ. އަދި އެކަމަނާގެ ނަމުގައި ދަރަންޏެއް ވެސް ނެތެވެ.
ރައީސް ޞާލިހްގެ މާލީ ބަޔާން ދައްކާ ގޮތުގައި އެމަނިކުފާނު މަގާމާއި ހަވާލުވުމުގެ ހަމަސް ދުވަސް ކުރިން މުސާރައިގެ ގޮތުގައި 1532689 (އެއްމިލިއަން ފަސްލައްކަ ތިރީސް ދެހާސް ރުފިޔާ ހަސަތޭކަ އަށްޑިހަ ނުވަ ރުފިޔާ) ލިބިވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ މިލްކިއްޔާތުގައި އޮތީ އަމިއްލަފުޅު ރަށުގައި އޮތް ގޯއްޗެއް އެކަންޏެވެ.
ނައިބު ރައީސް ފައިސަލް ނަސީމްގެ މާލީ ބަޔާން ދައްކާ ގޮތުގައި އެމަނިކުފާނު މަގާމާއި ހަވާލުވުމުގެ ހަމަސް ދުވަސް ކުރިން މުސާރަ އާއި އެހެނިހެން އާމްދަނީގެ ގޮތުގައި 1710000 (އެއްމިލިއަން ހަތްލައްކަ ދިހަ ހާސް ރުފިޔާ) ލިބިވަޑައިގެންނެވިއެވެ.
ނައިބު ރައީސްގެ މިލްކިއްޔާތުގައި ފުވައްމުލަކުގައި ގޯއްޗެއް އަދި ހުޅުމާލޭގައި ދެ ފްލެޓް އެބަހުއްޓެވެ. އޭގެ އިތުރުން ދެކާރާއި ހަ ސައިކަލް ވެސް އެމަނިކުފާނުގެ މިލްކިއްޔާތުގައި އެބައޮތެވެ.
މާލީ ބަޔާނުގައި ރައްކާ ކޮށްފައި ހުރި ފައިސާގެ އަދަދެއް ހިމަނުއްވާފައެއް ނުވެއެވެ.
ސަރުކާރުގެ އިސް މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދަވާނެއެވެ. އަދި ހުރިހާ މާލީ ބަޔާންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިޢުކުރެވި، އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރެވެމުން ދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
Facebook Comments