web analytics
ރިޕޯޓް

ފަރުވާ ނުލިބި މަރު: ބިދޭސީންނަށް އެހެން ބިރެއް!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ހުން ގަދަކަމުން ކޮޅަށް ހުރެވޭވަރު ނުވިޔަސް ފިހާރައިގެ މަސައްކަތަށް ނިކުތުން ނޫން ގޮތެއް ބަންގްލަދޭޝްގެ ކޮބީރް ހުސެއިން އަށް ނެތީ އެވެ. އޭނާ ނުނިކުމެއްޖެ ނަމަ ސޭޓަކު ނެތިގެން ފިހާރަ ބަންދުކުރާނެ އެވެ. ފިހާރައިގެ ވެރިމީހާ އެ ރޯޅި އޭނާ އަށް ބާލާނެ ކަން ވެސް ކޮބީރަށް ޔަގީނެވެ. އެހެންވެ ޕެނަޑޯލް ކައިގެން ކެތްކުރުން ނޫން ގޮތެއް އޭނާ އަށް އެ ވަގުތަކު ނެތެވެ.

“ފަރުވާ ނުލިބި އެގޮތަށް ބަލިވެ އުޅޭތާ ތިން ދުވަސް ފަހުން އޭނާ މަރުވީ،” މިދިޔަ ހަފުތާގައި މަރުވި ކޮބީރުގެ ރަހުމަތްތެރިއަކު ކިޔައިދިނެވެ.

ދިރިއުޅުމުގެ ދަތި ހާލަތުން އަރައިގަތުމަށް ވިސްނި ކޮބީރަކީ ވެސް ބައެއްގެ ޝިކާރައަކަށްވެ، ގޮތެއް ނުފެނިފައި ހުރި މީހެކެވެ. ބިދޭސީން ރާއްޖެ އެތެރެކުރުން ވިޔަފާރިއަކަށް ހަދާފައިވާ އެޖެންޓަކު މީގެ 10 އަހަރު ކުރިން އޭނާ ގެނައީ ރިސޯޓަކުން ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލައިގެންނެވެ. އެކަމަކު އޭނާ މާލެ ގެނެސް ޖެއްސީ ހިތްދަތި ހާލެކެވެ؛ ޕާސްޕޯޓް އަތުލުމަށް ފަހު މަގުމަތިކޮށްލީ އެވެ.

ރަހުމަތްތެރިންނަށް މުހައްމަދު ނަސީރުގެ ނަމުން މަޝްހޫރުވެފައިވާ ކޮބީރު މަރުވި އިރު އޭނާގެ އަތުގައި ރައްކާކޮށްފައި ފައިސާއެއް ވެސް ނެތެވެ. ފިހާރައިގެ ސޭޓަކަށް އިނދެގެން ލިބޭ ކުޑަ ފައިސާކޮޅު ކޮންމެ މަހަކު ވެސް ފޮނުވަނީ ބަންގްލަދޭޝްގައި ތިބޭ އާއިލާ އަށެވެ.

މަރުވުމުން ކޮބީރުގެ ހަށިގަނޑު ގައުމަށް ފޮނުވާލެވުނީ ވެސް އޭނާގެ ރަހުމަތްތެރިން އެއްކުރި 50،000ރ. އިންނެވެ.

“އަހަރެމެންގެ މައްސަލައެއް ނެތް ހުއްދަތައް ނެތިގެން ފުލުހުންނާ ހަވާލު ކުރިޔަސް. ގައުމަށް ފޮނުވާލިޔަސް. ހައްޔަރު ވެސް ކުރޭ. އެކަމަކު ފުރަތަމަ ފަރުވާ ދޭން ޖެހޭ އެބަ،” ކޮބީރުގެ ރަހުމަތްތެރިޔަކު ކިޔައިދިނެވެ.

މިއީ ކަބީރަށް ދިމާވި ގޮތެވެ؛ ހަމައެހެން މި ހާލަތު މެދުވެރިވެފައިވާ އެތައް ބިދޭސީންނެއް އެބަ ތިއްބެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު 130،000 އަށް އަރާފައިވާ ކަމަށް ރަސްމީ ހިސާބުތަކުން އެނގޭއިރު، އޭގެ ތެރޭގައި ވޯކް ޕާމިޓް ނެތް ގާތްގަނޑަކަށް 60،000 މީހުން ހިމެނެ އެވެ. ވޯކް ޕާމިޓް ނެތި ދިރިއުޅޭ ހުރިހާ ބިދޭސީންނަަށް ވެސް ބޭސް ފަރުވާ ކުރަން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ އެވެ.

ވޯކް ޕާމިޓް ނެތި ބޭސް ނުކުރެވުން

ސިއްހީ ފަރުވާ އަށް ހުރަސްއެޅިފައިވާ މައްސަލައިގައި “މިހާރު” އަށް ވާހަކަ ދެއްކި ބިދޭސީން ކިޔައިދިން ގޮތުގައި ވޯކް ޕާމިޓް ނެތިގެން އިމަޖެންސީ ފަރުވާ އާއި އޯޕީޑީ އަށް ނުދެއްކި ގިނަ ބަޔަކު އެބަ ތިއްބެވެ. އޭގެތެރޭގައި ވަގުތުން ފަރުވާ ބޭނުންވާ ސީރިއަސް ބަލިތައް ޖެހިފައިވާ މީހުން ވެސް ހިމެނޭ ކަން އެ މީހުންގެ ވާހަކަތަކުން އެނގެ އެވެ.

އެކަކު ބުނިގޮތުގައި، ބޯޅަ ކުޅެނިކޮށް ބޮލަށް އަނިޔާވެގެން މާލޭގެ ހޮސްޕިޓަލަކަށް ދިޔުމުން ފަރުވާ ކުރަން ދެކޮޅުހެދީ އެވެ.

“އެއިރު ވަރަށް ބައިވަރު ލޭ އާދޭ އޭނާގެ ބޮލުން. އެކަމަކު ވެސް އެމަޖެންސީގައި ވެސް ފަރުވާ ނުދިން،” އޭނާ ބުންޏެވެ.

އިމާރާތެއް ތަޅާލުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ: ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ވަރަށް ގިނަ 

އެހެން މީހަކު ބުނީ މަގުމަތީގައި އޮތް އެއްޗަކުން ޖެހި ފައިގެ ނިޔަފަތިގަނޑު ނެއްޓިގެން ހޮސްޕިޓަލަށް ދިއުމުން ވެސް ފަރުވާ ނުދީ ހޯދީ ލިޔެކިޔުންތައް ކަމަށެވެ.

“ދިވެހިރާއްޖޭގައި ހެލްތު ސިސްޓަމް އޮންނަ ގޮތެއް އަހަރުމެންނަކަށް ނޭނގޭ. އެންމެ ފުރަތަމަ ބަލަނީ ލިޔެކިޔުން ހުރިތޯ. އިންސާނަކަށް ވީތީ އަހަރުމެންނަށް ލިބެން ޖެހޭ ހައްގެއް ނުލިބޭ،” އޭނާ ބުންޏެވެ.

މި އުނދަގޫތައް ހުރުމުން، ގިނަ ފަހަރަށް ހޮސްޕިޓަލުގެ ބަދަލުގައި ދަނީ ފާމަސީ އަށެވެ. ނުވަތަ އަމިއްލަ އަށް ބޭހެއް ހަަދައިގެން ބޭނުންކޮށްލަނީ އެވެ.

“ވަރަށް ގިނައިން އަންނާނެ ވިސާ ނެތް މީހުން ބޭސް ހޯދަން. އެމީހުން އަތުގައި ގިނަ ފަހަރު ބޭހަށްވާ ފައިސާ ވެސް ނުހުރޭ. ގިނަ ފަހަރު ނުވެސް އެނގޭ ޖެހިފައި ހުންނަ ބަލި ވެސް ޑޮކްޓަރަށް ނުދައްކާތީ،” މާލޭ ބޭސް ފިހާރައެއްގެ ސޭޓަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

އައިޖީއެމްއެޗުގެ ވާހަކަ ތަފާތު

ލިޔެކިޔުން ނެތި ފަރުވާ ނުދޭ ކަމަށް ބުނާ ވާހަކަ އައިޖީއެމްއެޗުން ދޮގުކުރެ އެވެ. އެ ހޮސްޕިޓަލްގެ ތަރުޖަމާން މުހައްމަދު މުފީދު ވިދާޅުވި ގޮތުގައި އިމަޖެންސީ ފަރުވާގައި އެއްވެސް މީހެއްގެ ލިޔެކިޔުންތަކަށް އެ ހޮސްޕިޓަލުން ނުބަލާނެ އެވެ.

“ސީރިއަސް އިންސިޑެންޓެއް ހިނގައިގެން އަންނަ މީހަކު، އަޅުގަނޑުމެންގެ އީއާރުގައި ފަރުވާ ދޭން ޖެހޭ މީހަކު، ތި ވިދާޅުވާ ލިޔެކިޔުމެއް އެއްޗެއް ފުރިހަމަ ނުވާ މީހަކަށް އެމެޖެންސީގައި ބޭނުންވާ ފަރުވާ ނުލިބިއެއް ނުދާނެ. އޭގެ މާނައަކީ ވަރަށް ސީރިއަސް ހާލަތެއްގައި އެ މީހަކު އެގެންނަނީ ދެއްތޯ؟ އަޅުގަނޑުމެން ހަމަ ފަރުވާ އެބަ ދެން އެފަދަ މީހުންނަށް،” އޭނާ ވިދާޅުވި އެވެ.

އެކަމަކު މުފީދު ވިދާޅުވީ އޯޕީޑީ ފަރުވާ ނުލިބޭނެ ކަމަށެވެ. އެއީ ހަމައެކަނި ބިދޭސީންނަށް ޚާއްސަ އުސޫލެއް ނޫން ކަމަށާއި ކާކުކަން އަންގައިދޭ ރަސްމީ ލިޔެކިޔުމެއް ނެތް ނަމަ ދިވެހިންނަށް ވެސް އޯޕީޑީ ޚިދުމަތް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އޯޕީޑީ އަށް މީހަކު އައިސް ހަމަ ތިމަންނަ އަށް ކިޔަނީ މިވެނި ނަމެކޭ ބުނެލާފައި ކިހިނެއްތޯ އަޅުގަނޑުމެންގެ ރެކޯޑްސް ބަލަހައްޓާނީ؟ އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް ވެސް އެބަ ޖެހޭ އައިޑީ ކާޑު ގެންނަން،” މުފީދު ވިދާޅުވި އެވެ.

ލިޔެކިޔުން ނުހުންނަ ބިދޭސީން އެހެން މީސްމީހުންގެ ނަންނަމުގައި ލެބޯޓަރީ ޓެސްޓު ފަދަ ތަކެތި ހައްދަން މަސައްކަތް ކުރުމުން ހުއްޓުވައި ފުލުހުންނާ ހަވާލުކޮށްފައި ހުންނަ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

“ޑޮކިއުމެންޓްސް ހަމަވާން ޖެހޭނެ. އަޅުގަނޑުމެންނަކަށް ނޭނގޭނެ ނޫންތޯ؟ އެނގިލައްވާތޯ އެބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މަކަރު ހަދައިގެން ލެބޯޓަރީ ޓެސްޓުތަކާ އެއްޗެހި ހައްދަވަން އުޅުއްވާކަން؟ މީހާ އޮޅުވާލައިގެން. މިސާލަކަށް މެމޯ ހައްދާ މީހާ ނޫން އެހެން މީހަކު ސާވިސް ހޯދަން އުޅެގެން އަޅުގަނޑުމެން ހުންނާނެ ބައެއް ފަހަރު އެމީހުން ހުއްޓުވާފައި،” މުފީދު ވިދާޅުވި އެވެ.

ރިހޭ ފައި މައްޗަށް ފޮއި

ރާއްޖެ އަށް އެތެރެވާ ބިދޭސީންގެ ބޮޑު ޕަސެންޓޭޖަކީ ވަގަށް އެތެރެކޮށްފައިވާ މީހުންނެވެ. މިކަން ރަސްމީ އިދާރާތަކުން ދޮގުކުރިއަސް ބިދޭސީން އެތެރެކުރުން އޮންނަނީ ވިޔަފާރިއަކަށް ހަދައިފަ އެވެ. އޭގެ ތެރޭގައި އެ އިދާރާތަކުގެ ބައިވެރިވުން ހިމެނޭ ކަމުގެ ތުހުމަތުތައް ވެސް ކުރެ އެވެ. ފަރުވާ ނުލިބި މަރުވި ކަބީރު ވެސް ހިމެނުނީ އޭގެ ތެރޭގަ އެވެ. އެހެންކަމުން ލިޔެކިޔުން ނެތް ނަމަވެސް އެފަދަ މީހުންނަކީ މުޖްރިމުން ކަމަށް ދެށުމަކީ މައްސަލައެއް ކަމަށް އިންސާނީ ހައްގަށް މަސައްކަތް ފަރާތްތަކުން ބުނެ އެވެ.

“ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ ވިކްޓިމްސް ދަނެގަތުމެއް ނޯވޭ. އެފަދަ މީހުންނަށް ބޭސް ފަރުވާ ނުކުރެވޭނެ ފަދަ ގޮތަކަށް އިންތިޒާމްކޮށް އަނެއްކާވެސް ވޭނެއް އުފުއްލަން ޖެހުމަކީ ގާނޫނީ ގޮތުން ވެސް ކުރެވޭނެ ކަމެއް ނޫން،” އިންސާނީ ހައްގުގެ ދިފާއުގައި ވަކާލާތު ކުރައްވާ ވަކީލު މުޝްފިގު މުހައްމަދު ވިދާޅުވި އެވެ.

ބިދޭސީ މަސައްކަތްތެރިންތަކެއް ބާޖެއްގައި ތަނަކަށް ގެންދަނީ: ބިދޭސީ މަސައްކަތު މީހުންނަށް އިހާނެތިކޮށް ހިތުން އާންމު

އޭނާ ވިދާޅުވީ ބޭރު މީހުން ހައްޔަރު ކުރާއިރު އެއީ ޓްރެފިކް ކޮށްފައިވާ މީހުން ނަމަވެސް ލިޔެކިޔުން ނެތް ނަމަ ކަމާ ބެހޭ ފަރާތްތަކުން އެބަޔަކު ވެސް ހައްޔަރު ކުރާނެ ކަމަށެވެ.

“އެހެންވެ ހަގީގަތުގައި ލިޔެކިޔުން ނެތް މީހުން ބޭސްފަރުވާގެ ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ދިޔުމަކީ ވެސް އެމީހުންނަށް އޮތް ބިރެއް،” އޭނާ ވިދާޅުވި އެވެ.

“މީގެ އިތުރުން ދިވެހިންނަށް ވުރެ ވަރަށް ބޮޑުތަން އަގުބޮޑު ބިދޭސީންނަށް ބޭސްފަރުވާ ކުރެވޭލެއް. އެހެންވީމަ ވެސް ލިޔެކިޔުން އޮތަސް ބޭސްފަރުވާގެ ހިދުމަތް ހޯދަން އެބަ ދަތިތަކަކާ ކުރިމަތިވޭ.”

ބިދޭސީންނަށް ވެސް ބޭސްފަރުވާގެ ޔަގީންކަން އޮންނަން ޖެހޭ

ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލާ ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖެ އަށް މީހުން އެތެރެ ކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރޭގައި ކޮރަޕްޝަން ވަރަށް ބޮޑެވެ.

“ލިޔެކިޔުމެއް ނެތް ބިދޭސީ މަސައްކަތު މީހުން ވަރަށް ގިނަ ފަހަރު ރާއްޖެ އަށް ޓްރެފިކް ކުރާއިރު، އެ ގެންނަ ގޮތަށް އެ މީހުން ދޫކޮށްލާ އެބަ. ނޫނީ މިސާލަކަށް އެމީހުން އެހެން ދިވެހިން ކައިރިއަށް އެބަ ދޭ މުސާރަ ނިދުނުން ކަހަލަ މައްސަލަތައް ޖެހިގެން ވެސް. ވަރަށް ބޮޑެތި ކޮރަޕްޝަންތައް އިމިގްރޭޝަން ނިޒާމުގެ ތެރޭގައި ވެސް އެބަ ހުއްޓޭ،” ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް މެނޭޖަރު އައިމަން ރަޝީދު ވިދާޅުވި އެވެ.

ބިދޭސީންނާ މެދު ރާއްޖޭގައި މިހާރު މި އޮތީ ގާނޫނާ ހިލާފް ނިޒާމެއް ކަމަށް އައިމަން ވެސް ވިދާޅުވި އެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް އައިމަން މި ނިޒާމް ސިފަކުރެއްވީ “ލާއިންސާނީ” ނިޒާމެއްގެ ގޮތުގަ އެވެ.

“މި ދާއިރާގައި ކޮރަޕްޝަން އޮތް މިންވަރުގެ ބޮޑުކަމުން އިންސާނުންނަށް އޭގެ އަސަރު ކުރާ މިންވަރު ބޮޑު. މިސާލަކަށް ލިޔެކިޔުމެއް ނެތީމަ ޑޮކްޓަރަށް ނުދެއްކޭތީވެ، ކިތަންމެ ނިކަމެތި ހާލަތެއްގައި ވެސް ބިދޭސީ މަސައްކަތު މީހަކު ހުރެދާނެ. އެހެންވީމަ މިހާރު މިއޮތް ނިޒާމަކީ ވަރަށް ބޮޑަށް ލާއިންސާނީ ނިޒާމެއްގެ ގޮތުގައި ސިފަކުރެވެނީ،” އޭނާ ވިދާޅުވި އެވެ.

އައިމަންގެ ނަޒަރުގައި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެސް ބޭސްފަރުވާ ކަށަވަރުވާން ޖެހެ އެވެ.

“ގާނޫނު އަސާސީން ބޭސްފަރުވާ ކަށަވަރުކޮށްދޭ ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އިންސާނުންނަށް. ސިއްހީ ފަރުވާއަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އިންސާނުންނަށް ކަށަވަރު އެއްޗެއް. ވަކި ނަސްލަކަށް ވީތީ، ވަކި ގައުމަކަށް ވީތީ ޔަގީންކަން ދޭން ޖެހޭ އެއްޗެއް ނޫން އެއީ. ހުރިހާ އެންމެން، ދިވެހިން އަދި ބިދޭސީންނަށް ވެސް ބޭސްފަރުވާ ލިބެން ޖެހޭ،” އައިމަން ވިދާޅުވި އެވެ.

ކޮބީރަކީ ނިމެއްޗެކެވެ. އޭނާ ރާއްޖެ އައީ ފޮނި އުއްމީދެއްގަ އެވެ. އެކަމަކު އޭނާއަށް އެ އުއްމީދު ފުރިހަމަކުރެވޭ ގޮތެއް ނުވި އެވެ. އަދި ސިއްހީ ފަރުވާ އެންމެ ބޭނުންވި ވަގުތު އޭނާއަށް އެ ފުރުސަތެއް ވެސް، ނިޒާމު އޮތް ގޮތުން، ނުވަތަ ކުރިމަތިވެދާނެ ހައްޔަރަކަށް ބިރުން ނަމަވެސް، ނުލިބުނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޙަޤީޤީ އައްޑޫރަދުންނަކީ ކޮން ބޭފުޅެއްބާ؟

ސުވާދީބު

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާއި ދެވަނަ ފަހަރަށް “ވެރިކަމަށް” ވަޑައިގަތުން

ސުވާދީބު

ހިތަދޫ ހޮސްޕިޓަލަށް ހަރުދަނާ މެނޭޖްމަންޓެއް ބޭނުން!

ސުވާދީބު
Share