ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަށް އެމްޑީޕީން ވާދަކުރަން ފެނިވަޑައިނުގަންނަވާ ކަމަށާއި އަދި އެގޮތަށް ވާދަކުރިޔަސް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ ގައުމީ މަޖިލީހާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
“ދިވެހި ޕޯސްޓް ޑީޕީ” އަށް ޔަގީން ވެފައިވާ ގޮތުގައި ރައީސް ސޯލިހުގެ ވިސްނުންފުޅު ހުރީ 50 ވަރަކަށް ދާއިރާއަށް އެމްޑީީޕީން ވާދަކުރުން ރަނގަޅު ކަމަށެވެ. އަދި އެމަނިކުފާނުގެ މައިގަނޑު ވިސްނުންފުޅަކީ ކޯލިޝަންގެ ގުޅުމަށް ބުރޫ ނާރާނެ ގޮތަކަށް މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަކުރުމަށެވެ. އެ ގޮތުން ކޯލިޝަނަށް ބުރޫ އަރާނެ ގޮތަކަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށް ރައީސް ވަރަށް ސާފުކޮށް ވިދާޅުވި އެވެ.
ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ކޯލިޝަންގެ އެހެން ޕާޓްނަރުންނާ އެކު މަޝްވަރާތައް ކުރިޔަށް އެބަދާ ކަމަށާއި އެއްބަސްވުމުގައި ސީދާ އޮތް އަދަދު ތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ނަމަވެސް 50 ވަރަކަށް ދާއިރާއަށް ވާދަކުރެވޭނެ ފޯމިއުލާއަކަށް މަސައްކަތް ކުރެއްވޭނެ ކަމަށް ގަބޫލުކުރެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
87 ދާއިރާއަށް އެމްޑީޕީން ނިކުތަސް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ޖޭޕީ، އެމްއާރްއެމް އަދި އަދާލަތުގެ ކެންޑިޑޭޓުނަށް ބައެއް ދާއިރާ ތަކުގައި ތާއީދު ދެއްވާނެ ކަމަށް ރައީސް ރޭގެ ބައްދަލުވުމުގައި ވަރަށް ސާފުކޮށް ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ މި ވާހަކަފުޅުތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އަލުން ބާއްވައި އެހެން ގޮތަކަށް ނިންމާނެ ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.
މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
Facebook Comments